Tuesday, October 13
ހީނާމާގެއާއި ސޯސަންމަގުގެ ޕާކިންގ ބިލްޑިންގްތައް އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމަނީ: މިނިސްޓަރު ސަޢީދު

މާލޭގައި ތަރައްގީކުރާ ޕާކިންގ ބިލްޑިންގްތަކުގެ މަސައްކަތް މި އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމުގެ ގޮތުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހީނާމާގެ ޕާކިންގ ބިލްޑިންގް އެޅުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓަރާއެކު އެކަމުގެ އެންމެ ފަހުގެ މަރުހަލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސޯސަންމަގުގައި ޔުނިވާސިޓީއާއި ޖެހިގެން އޮތް ބިމުގައިވެސް ޕާކިންގ ބިލްޑިންގެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ވެސް މާ ގިނަ ދުވަހެއްނުވެ ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ދެ ބިލްޑިންގް ވެސް، ޓާގެޓަކީ އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ނިންމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ޕާކިންގ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެ އާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ހަތް ޕާކިންގ ބިލްޑިންގް ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2,600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1,000 ޖާގަ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މާލޭގެ ހަނިމަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް ޕާކު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހެދުމަށް މިހާރު މަސައްކަތްކުރަމުންދާއިރު، 4 މަގަކަށް ބަދަލު ގެނައުމަށްޓަކައި މަގުތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަގުތައް ކުރަހާނީ އެކަމުގެ ދިރާސާތައް ކުރުމަށްފަހު، އެކަމަށް އާންމުންގެ ބަހެއްވެސް ހޯދުމަށްފަހުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު