މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގެއް އެޅުމަށް ދާޚިލީ ވުޒާރާއިން ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކުރި މަޝްރޫޢުގައި، އެ ސަރަޙައްދުގައި ނެތް އިމާރާތެއް ތަޅާލުމަށް 2.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ދާޚިލީ ވުޒާރާގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ސަރަޙައްދުގައި ހުރި ކަމަށް ބުނާ އިމާރާތެއް ތަޅާލައި ސައިޓް ސާފުކުރުމަށް ބީއޯކިއުގައި ހިމަނައިގެން 2,920,082 ރުފިޔާ ވުޒާރާއިން ވަނީ ޕޮލްކޯއަށް ދޫކޮށްފައެވެ.
ނަމަވެސް، 2022 ޖަނަވަރީ 20 ގައި ގޫގުލް އާތުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު، އެ ސަރަޙައްދުގައި އެއްވެސް އިމާރާތެއް ނެތްކަން އެނގެން އޮތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެ ފައިސާ ޕޮލްކޯއަށް ދީފައިވަނީ ނުކުރާ މަސައްކަތަކަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ކަނޑައަޅާފައެވެ.
މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި، އިތުރު 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އިމާރާތްކުރުމަށް 24 ނޮވެންބަރު 2022 ގައި ޖުމްލަ 45.5 މިލިއަން ރުފިޔާއަށް ވުޒާރާއިން ޕޮލްކޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބިޑްކުރުމަކާ ނުލައި، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން "އަވަސް މަސައްކަތެއްގެ" ގޮތުގައެވެ.
މި މަސައްކަތް އެގޮތަށް ހަވާލުކުރީ، ދަރުމަވަންތަ ސްކޫލް ހުޅުވުމަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކައި މާލެ ޖަލު ބަންދުކުރުމަށް ހަމަޖެހިފައިވުމުން، މާލެ ޖަލުގައި ތިބި މީހުން މާފުށީ ޖަލަށާއި އައްސޭރި ޖަލަށް ބަދަލުކުރުމަށްޓަކައެވެ. ނަމަވެސް، 6 އޮގަސްޓު 2023 ގައި ދަރުމަވަންތަ ސްކޫލުގެ ކިޔެވުން ފެށިއިރުވެސް މަސައްކަތް ނިމިފައި ނުވާތީ، އެ މަގްސަދު ހާސިލުވެފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޕޮލްކޯއިން ވަނީ ބިޑްކުރުމެއް ނެތި، މުޅި މަސައްކަތް "ވީ އަވަރ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ސަބްކޮންޓްރެކްޓްކޮށްފައެވެ. މިގޮތަށް ކަންކުރުމުން، ވާދަވެރި ބިޑެއްގެ ތެރެއިން މަސައްކަތް އަގުހެޔޮކޮށް ކުރުމުގެ ފުރުޞަތު ގެއްލިފައިވާކަންވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.
ވީ އަވަރ ކުންފުނިން 18 ގޮޅީގެ މަސައްކަތް ނިންމި ނަމަވެސް، ބިލްތަކަށް ފައިސާ ދެއްކުން ލަސްވުމާ ގުޅިގެން 12 ޖޫން 2024 ގައި ހައި ސެކިއުރިޓީ ވިންގުގެ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ. މަސައްކަތް މެދުކެނޑުނު ތާރީޚާ ހަމައަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަން ރިޕޯޓުގައި ފާހަގަކުރެއެވެ.
ދާޚިލީ ވުޒާރާއިން 2022 ވަނަ އަހަރު މި މަޝްރޫޢު ޕޮލްކޯއާ ހަވާލުކުރިއިރު، ހޯމް މިނިސްޓަރަކަށް ހުންނެވީ އައްޝައިޚް ޢިމްރާން ޢަބްދުﷲއެވެ.






