އއ. އުކުޅަހުގައި ގާއިމުކުރާ ފުލުހުންގެ ސްޓޭޝަންގެ ތަރައްޤީގެ މަޝްރޫޢުގެ ފުރާޅު އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މި ސްޓޭޝަންގެ ސެލް ބްލޮކް ގައުޖެހުމުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން 5،200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު، ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ދައުލަތުގެ ބަޖެޓުން 7.11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 240 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، ސްޓޭޝަންގެ އެތެރޭގެ ފާރުތަކުގައި ޕްލާސްޓަރ ކުރުމުގެ 75 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. ސެލް ބްލޮކްގެ މަސައްކަތްތަކުގެ ތެރެއިން، ބިންގަނޑު ކޮނުމާއި، ކޮމްޕެކްޓް ކުރުމާއި، ފޫޓިންގ އެޅުމާއި، ޓައި ބީމް ޝަޓަރިންގއާއި، ކޮލަމް ރިންގް ބައިންޑިންގ ވަނީ އެއްކޮށް ނިމިފައެވެ.
މި މަޝްރޫޢަކީ "ޚާއްސަ އާންމު މަޝްރޫޢުތަކުގެ އިނިޝިއޭޓިވް" ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ ސްޓޭޝަންތަކާއި ޕޯސްޓްތައް ގާއިމުކުރުމަށް އެމްޓީސީސީއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވެސް މި މަޝްރޫޢު ކުރިއަށްގެންދަނީއެވެ.






