ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ރަޖި ރަޖަ ކުމަރާއި 54 އަހަރުގެ ނަޑަން ވިންސެންޓްރަޖް ޕޮން އެވެ.
މާލެއިން ބަނގުރާ ގެންގުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ހިންގި މި އޮޕަރޭޝަންގައި، އެ ދެ މީހުން ދިރިއުޅޭ ސަރަހައްދު ބަލައިފާސްކުރިއިރު 500 މިލިލީޓަރުގެ 9 ފުޅީގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެއެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި ދެ މީހުން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






