Monday, October 12
ބާޒާރުގައި ގިނައިން ވިއްކަނީ ސިއްހީ ފައިދާ ކަށަވަރުނުކުރެވޭ ކާބޯތަކެތި: އެމްއެފްޑީއޭ

ރާއްޖޭގެ ބާޒާރުގައި ވިއްކާ ގިނަ ކާބޯތަކެތީގެ ސިއްހީ ފައިދާތައް ޢިލްމީ ގޮތުން ކަށަވަރުކުރެވިފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސިއްހީ ގިނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ކާބޯތަކެތީގެ އިޝްތިހާރުތަކުގައި ލެބޯޓްރީ ރިޕޯޓުތައް ބޭނުންކުރާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓްރީއަކުން ނުވަތަ ރިފަރަލް ލެބޯޓްރީއަކުން ދޫކުރާ ރިޕޯޓެއް ނުވަތަ "ސެޓްފިކެޓް އޮފް އެނަލައިސިސް" އެއް ބޭނުންކުރުމަކީ މަނާކަމެކެވެ. އެ ލިޔުންތަކުގެ އެއްވެސް ބައެއް ބޭނުންކުރުން ވެސް މަނާކޮށްފައިވަނީ ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025R-26) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ބަލިތަކަށް ޝިފާ ލިބޭނެ ކަމަށް ނުވަތަ ހަށިގަނޑަށް ވަކި ޚާއްޞަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް މާކެޓުކުރާ އުފެއްދުންތަކާ ގުޅިގެން ވެސް އެމްއެފްޑީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކާބޯތަކެތީގެ އެއްވެސް ބާވަތަކުން ސިއްހަތަށް ޚާއްޞަ ފައިދާތަކެއް ކުރާނެ ކަމަށް ނުވަތަ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުމަކީ ވެސް އެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަދި 9 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކަމެކެވެ.

އެމްއެފްޑީއޭއިން ބުނީ، ބަލިތަކަށް ފަރުވާ ލިބޭ ކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭ ކަމަށް ދައްކައިގެން އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ ޢިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހޭނެ ކަމަށެވެ.

މިފަދަ އުފެއްދުންތައް ބޭނުންކުރުމުގައި ސަމާލުވެ ރައްކާތެރިވުމަށް އާންމުންނަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ގޮތަކަށް އުފެއްދުންތައް މާކެޓު ނުކުރުމަށް އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތްތަކަށް ވެސް އެ އޮތޯރިޓީން އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު