އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރި މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ.
ފުލުހުން ބުނީ ހާޒިރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ މީހުން ފުލުހަށް ހާޒިރުކޮށް ގާނޫނީ އިރުޝާދު ދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ހާޒިރުކުރެވުނު ފުރަތަމަ މީހާއެވެ.
އޭނާގެ ރެކޯޑުތަކުގެ ތެރޭގައި ސްޓަންޓް ޖައްސައިގެން ދުއްވުމާއި، ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، އުޅަނދުގެ އަހަރީ ފީ ހަމަވެފައި ވަނިކޮށް ދުއްވުމާއި، ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުން ވެސް އޭނާގެ ރެކޯޑުތަކުގައި ހިމެނެއެވެ.
ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ މީހުން ހުއްޓުވައި، އެ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ނުރައްކާތެރިކޮށް ދުއްވާ މީހުން ދެނެގަނެ، އެ މީހުންގެ މަޢުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު އެ އަމަލުތައް ތަކުރާރުކުރާ މީހުންނާމެދު، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދާދިފަހުން ފުލުހުން ވަނީ ނުރައްކާތެރިކޮށް ދުއްވި މީހެއްގެ މަޢުލޫމާތު އާއްމުކޮށްފައެވެ. ތަކުރާރުކުރާ މީހުންގެ ވަނަވަރު އާންމުކުރާނެ ކަމަށާއި، އާންމުން ހިއްސާކުރާ ފޮޓޯއާއި ވީޑިއޯގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.






