Monday, October 12
ހޯރަފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދަނީ: އެމްޓީސީސީ

ހއ. ހޯރަފުށީ މަގުތައް ހެދުމާއި ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ކަމަށް މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ސެޓްލްމަންޓް ޓޭންކުތައް ބެހެއްޓުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 12,245 އަކަ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި ސަބްބޭސް ތައްޔާރުކުރުމާއި އޭބީސީ ފަށަލަ އެޅުމާއި ތާރު އެޅުން ހިމެނެއެވެ. މީގެ އިތުރުން ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި ކޭބަލް ޖަންކްޝަނާއި ސަރވިސް ލައިން ވަޅުލުން ވެސް ހިމެނެއެވެ. މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ކުރެހުމާއި ހަރުކުރުމާއި މަގުތައް ފެހިކުރުމަށް ގްރީން އޭރިއާގެ މަސައްކަތް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތަށް ޖުމްލަ 30.46 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ ފިޔަވަހީގައި ރަށުގެ 11 މަގެއްގައި ޖުމްލަ 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވެއެވެ. އެ މަސައްކަތަށް 71 މިލިއަން ރުފިޔާއަށްވުރެ ގިނައިން ހޭދަވެފައިވެއެވެ.

އެމްޓީސީސީން ފާހަގަކޮށްފައިވާ ގޮތުގައި ފުރަތަމަ ފިޔަވަހީގެ ސަބަބުން ފެންބޮޑުވުމާއި ޗަކަވުމާއި އަޑިގުޑަންވުމާއި ހިރަފުސްވުމުން ލިބެމުންދިޔަ ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން ރަށުތެރޭގެ މަގުތައް ހެދުމާއެކު މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު