Monday, October 12
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީގެ ގޮތުގައި 59.2 މިލިއަން ރުފިޔާ ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި 59.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސެޕްޓެންބަރު މަހުގެ ނިޔަލަށް އެންސްޕާއިން ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ 15,571 މީހަކަށް ޖުމްލަ 59,213,000 ރުފިޔާގެ މާލީ އެހީ ވަނީ ދޫކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު 15,885 މީހުން ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރޭގައި 6,710 އަންހެނުންނާއި 9,175 ފިރިހެނުން ހިމެނެއެވެ. މި މުއްދަތުގައި 263 މީހަކު އަލަށް ދަފްތަރަށް ރަޖިސްޓްރީވެފައިވެއެވެ.

ދަފްތަރުގައި 5,396 ކުދިން ހިމެނެއެވެ. އަދި 18 އަހަރާއި 64 އަހަރާ ދެމެދުގެ 8,094 މީހުންނާއި، އުމުރުން 65 އަހަރުން މަތީގެ 2,395 މީހުން ވެސް ހިމެނެއެވެ.

ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4,270 މީހުންނެވެ. ދެން އެންމެ ގިނައީ އެކި ބާވަތުގެ ނުކުޅެދުންތެރިކަން އެކުލެވޭ ނުވަތަ މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3,585 މީހުންނާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2,626 މީހުންނެވެ.

މީގެ އިތުރުން އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,897 މީހުންނާއި، ވިސްނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,812 މީހުން ހިމެނެއެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,043 މީހުން ވެސް ދަފްތަރުގައި ހިމެނެއެވެ.

ދަފްތަރު މުރާޖަޢާކުރުމަށްފަހު، ޝަރުޠު ހަމަނުވުމުގެ ސަބަބުން ނުކުޅެދުންތެރިކަމުގެ މާލީ އެހީ ލިބެމުން ދިޔަ 49 މީހަކަށް އެހީ ދިނުން ވަނީ މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި 22 އަންހެނުންނާއި 27 ފިރިހެނުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު