މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން، ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ސެގްމަންޓް 3 ގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެ ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީން ބުނީ، ސެގްމަންޓް 3 ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ލަފާކުރެވޭ ގޮތުން ހޯމަ ދުވަހު ނިމޭނެ ކަމަށެވެ. އަދި އެއަށްފަހު ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ލަފާކޮށްފައެވެ.
ސެގްމަންޓް 3 ގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތެވެ.
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ، އެ ސަރަޙައްދުގެ ތާރުގަނޑުގައި ވަރަށް ބޮޑަށް ހަލާކުގެ ވަޅުގަނޑުތައް ހެދެމުންދާތީ، އުޅަނދުތައް ދުއްވުމަށް ދަތިވުމުގެ ސަބަބުންނެވެ. އެއީ ބަސް ދަތުރުކުރާ އަދި ގިނަ އަދަދަކަށް ހެވީ ވެހިކަލްވެސް ދުއްވާ ސަރަޙައްދެކެވެ.
މި މަސައްކަތުގެ ދަށުން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ސެގްމަންޓް 1 އާއި 2 ގެ މަސައްކަތެވެ. ސެގްމަންޓް 1 ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދެވެ. ސެގްމަންޓް 2 ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި، މަގު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
ސެގްމަންޓް 3 ގެ މަސައްކަތަށްފަހު، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ ސެގްމަންޓް 4 ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ސެގްމަންޓުގެ މަސައްކަތުގެ ތެރޭގައި 1148.91 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ.






