ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއި، 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ލަނޑުދަނޑި ޙާޞިލުކުރުމުގެ ގޮތުން، ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފެވެ. ބިން ހަމަޖައްސައިދިން ރަށްތަކުގެ ފަރާތުން ސޮއިކުރީ އެ ރަށްރަށުގެ ކައުންސިލުތައް ތަމްސީލުކުރާ މެންބަރުންނެވެ.
މި ރަސްމިއްޔާގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ މިނިސްޓަރ ޠާރިޤު ޢަލީ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެގްރޯފޮރެސްޓްރީއަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމުކުރާ ދަނޑުތަކަކީ 2 ހެކްޓަރާއި 4 ހެކްޓަރާ ދެމެދުގެ ބޮޑުމިނުގައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ނަމޫނާ ދަނޑުތަކެކެވެ.
މި ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހައްދާނީ ރާއްޖޭގެ ތިމާވެށްޓާ ގުޅޭ ދިގު މުއްދަތުގެ ގަސްގަހާގެއްސާއި، ކުރު މުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ. މީގެ ސަބަބުން ބޭރުން ތަކެތި އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ދަނޑުތައް ބަލަހައްޓައި ހައްދަމުން ގެންދާނީ، ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ފަންނީ ލަފާގެ ދަށުން ކައުންސިލުތަކުންނެވެ. މި ދަނޑުތަކުގެ ޒަރީޢާއިން ރަށްރަށުގެ ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތާއި ތަމްރީނު ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި މަޝްރޫޢުގެ އަމާޒަކީ ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ އިތުރުން، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ 400,000 އަށްވުރެ ގިނަ ގަސް މި ދަނޑުތަކުން އުފެއްދުމެވެ.






