Monday, October 12
13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބާއްވަނީ

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކުރާ މި ފޯރަމް އޮންނާނީ ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ. މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" އެވެ.

ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ރާއްޖޭގެ އިޤުތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައެވެ. ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ޤާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާ ބެހޭގޮތުންވެސް ފޯރަމްގައި މަޝްވަރާކުރާނެއެވެ.

މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިޤުތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓުތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާނެއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް ޕެންޝަން އޮފީހުން ބާއްވަމުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާގެ ކުރިމަގާއި، އެ ދާއިރާއަށް ކުރިމަތިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާއިމުކޮށްފައިވާ ޤައުމީ ފެންވަރުގެ މަންސައެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު