މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، އެމްޑަބްލިޔުއެސްސީއިން ފެނާއި ނަރުދަމާގެ ހޮޅި އެޅުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ލީން މަސައްކަތްތަކާއި ކޭބަލް ޓްރެންޗްގެ މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ އަސާސީ މަސައްކަތްތަކެކެވެ.
މީގެ އިތުރުން، ކެޗްޕިޓްތަކުގެ މަސައްކަތާއި އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.
ތިންވަނަ ފިޔަވަހީގައި ހިމެނެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ މަގުގެ ބައެވެ. މި ފިޔަވަހީގެ ހުރިހާ މަސައްކަތެއް ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެ މަގު އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.
މާލޭގެ ފަޅުން ބައެއް ހިއްކައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ޖުމްހޫރީ މައިދާނުން ފެށިގެން މަގު ފުޅާކޮށް ތާރު އަޅާފައިވެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅާފައިވެއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.






