ގަވާއިދުން ނަގަންޖެހޭ ހުއްދަ ނުނަގައި ރާއްޖޭގައި ގިނަ ފަރާތްތަކުން ކެމިކަލް ވިއްކަމުންދާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ބުނެފިއެވެ.
ޓީވީ މޯލްޑިވްސް (ޓީވީއެމް)ގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ކެމިކަލް މެނޭޖްމަންޓްގެ ޑިރެކްޓަރ ޒިދްނާ މުހައްމަދު ވިދާޅުވީ، ކެމިކަލް ވިއްކާ ބައެއް ފަރާތްތަކުން ރަސްމީ ހުއްދަ ނުނަގައި ވިޔަފާރިކުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން، މިފަދަ ފަރާތްތަކަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން 26 އޮކްޓޯބަރުގެ ނިޔަލަށް ހުއްދަ ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ގަވާއިދާ ޚިލާފަށް ކެމިކަލް ވިއްކާ ފަރާތްތަކަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ (އިމްޕޯޓް ޕާމިޓް) ދޫނުކުރެވޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އިމްޕޯޓް ޕާމިޓްތައް ދޫކުރެވޭނީ ވެސް ކެމިކަލް ވިއްކުމުގެ ހުއްދަ ފުރިހަމައަށް ނެގުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލެއިން ގަނެގެން ރަށްރަށަށް ގެންގޮސް ވިއްކާ ފަރާތްތަކާއި، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ޑިރެކްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު، 200 ކިލޯއަށް ވުރެ ގިނައިން ކެމިކަލް ގެންގުޅޭ ފަރާތްތަކުން ވެސް އުސޫލުގެ ދަށުން ހުއްދަ ނަގައިގެން ކުރިއަށް ގެންދިއުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ހުއްދައަށް އެދި ހުށަހެޅުމުން، އެ ތަނެއް އިންސްޕެކްޓް ކުރުމަށްފަހު ގާތްގަނޑަކަށް ފަސް ދުވަހުގެ ތެރޭގައި ޕާމިޓް ދޫކުރުމުގެ މަސައްކަތް ހަމަޖެހިގެންދާނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އާންމުކޮށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާމިޓް ލިބިގެންދާނެ ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
މި ފުރުސަތަކީ ގަވާއިދާ ޚިލާފަށް ކެމިކަލް ވިއްކާ ފަރާތްތަކަށް، ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ދެވޭ މުހިންމު ފުރުސަތެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.






