ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ދިން މިސައިލް ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި މަހުގެ 10 ވަނަ ދުވަހު ދިން މި ހަމަލާގައި 12 މީހުން މަރުވެ 309 މީހުން ވަނީ ޒަޚަމްވެފައެވެ. ސަޢޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޢުލޫމާތު ދޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ 4 ރައްޔިތުންނާއި ބޭރު ޤައުމުތަކުގެ 8 މީހުން ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންނަށާއި ޤައުމުތަކުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ސީރިއަސް ކުށެއް ކަމަށެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މުޅި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށާއި ހަމަލާގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކަށް މިނިސްޓްރީން ވަނީ ތައުޒިޔާ ފޮނުވާފައެވެ. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަން މަތީގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ސަޢޫދީގެ ސަލާމަތާއި އިސްތިޤްލާލާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
މިއީ ފާއިތުވި ހަފުތާގެ ތެރޭގައި ރިޔާޟު އެއާޕޯޓަށް ޙޫޘީން ހަމަލާދިން ތިންވަނަ ފަހަރެވެ. ހަމަލާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.






