ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ސައިކަލް ދުއްވަން އިނީ ބަންދު މުއްދަތު ހަމަނުވަނީސް ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެއެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ފޭސް 2 ގައި ވަންވޭއާ ދެކޮޅަށް ތިން މީހުންނާއެކު ދުއްވި ސައިކަލެއް ފުލުހުންނަށް ފިލަން އުޅެނިކޮށް އެހެން ސައިކަލެއްގައި ޖެހި ހިނގި އެ އެކްސިޑެންޓުގައި ސައިކަލް ދުއްވީ ހ. ލާމިޔާ، 22 އަހަރުގެ އަހްމަދު އުވައިސް އެވެ.
ކްރިމިނަލް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން، އުވައިސް ހައްޔަރުކޮށްފައިވަނީ ގެސްޓް ހައުސްއަކަށް ފޭކް ސްލިޕް ފޮނުވައިގެން ފައިސާ ދެއްކި ކަމުގެ ތުހުމަތުގައި، މަކަރާއި ހީލަތުގެ މައްސަލައެއްގައެވެ. އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ، ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ ބައި ނިމިފައިވާތީ މިދިޔަ އަންގާރަ ދުވަހު އޭނާ ދޫކޮށްލި ކަމަށެވެ. އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން އުވައިސްއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.
އުވައިސްގެ މައްސަލަތައް މިހާރުވެސް އެކި ކޯޓުތަކުގައި އޮތެވެ. ކްރިމިނަލް ކޯޓުގައި ހިނގި އޭނާގެ ޝަރީއަތުގައި ފޭރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދަޢުވާތަކެއް ހިމެނެއެވެ.
ހިޔާ ފްލެޓްތަކުގެ އެޕާޓްމެންޓެއްގައި އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައިވެސް އުވައިސް ހައްޔަރުކޮށްފައިވެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލަން އެހީތެރިވެދިން މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އުވައިސްއަކީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.
އެ އެކްސިޑެންޓުގައި ޖުމުލަ ފަސް މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވާއިރު، ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.






