Monday, October 12
"އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުން މިރޭ، ތިން ވަޒީރަކު ބައިވެރިވަޑައިގަންނަވާނެ

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމް ސިލްސިލާގެ 9 ވަނަ ބައްދަލުވުން، ތިން ވަޒީރަކާއެކު މިރޭ އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ މި ފޯރަމް ފަށާނީ މިރޭ 9:00 ގައެވެ. ފޯރަމް ބާއްވާނީ ސުލްޠާން ޕާކުގެ އިވެންޓް އޭރިއާގައެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

ދެ ގަޑިއިރަށް ލައިވްކޮށް ގެނެސްދޭ މި ފޯރަމްގައި، ފޯރަމް ހިނގާ ތަނަށް ހާޒިރުވެގެން ވަޒީރުންނާ ސުވާލުކުރެވޭނެއެވެ. އަދި ފޯރަމް ކުރިއަށްދާ ވަގުތު ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ސުވާލު ހުށަހެޅޭނެއެވެ.

މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް އެ ތަންތަނުގެ އެންމެ އިސްވެރިންގެ ކިބައިން ސީދާ ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

"އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު