އާދިއްތަ, October 11
އަންހެން ކުދިންގެ ކުރިއެރުމާ ގުޅިފައިވަނީ މުޅި ޤައުމުގެ މުސްތަޤްބަލު: މެޑަމް ސާޖިދާ

ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމުގައި އަންހެން ކުދިންގެ އަޑާއި ހުނަރާއި އިސްނެގުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި މެޑަމް ސާޖިދާ ވަނީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، އުންމީދުތަކާއި، ޤާބިލުކަން ފާހަގަކުރައްވައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި އަންހެން ކުދިންނަކީ މުސްތަޤްބަލުގެ ލީޑަރުން ކަމަށާއި، އައު އީޖާދުތައް އުފައްދައި މުޖުތަމަޢަށް ހެޔޮ ބަދަލުތައް ގެނެސްދޭ ބައެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ބަދަލެއް ނޫން ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަންހެން ކުދިންގެ ކުރިއެރުމާ ގުޅިފައިވަނީ މުޅި ޤައުމުގެ މުސްތަޤްބަލު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއާއި ޢާންމު ޚިދުމަތްތަކުގެ އިތުރުން ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާއިން ވެސް ރާއްޖޭގެ އަންހެން ކުދިންނާއި ޒުވާން އަންހެނުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދަމުންދާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

މެސެޖު ނިންމަވާލައްވަމުން އެކަމަނާ ވިދާޅުވީ، އަންހެން ކުދިން ދެމުންދާ އަގުހުރި ޚިދުމަތްތަކާއި ހޯދަމުންދާ ކާމިޔާބީތަކަކީ ވަރުގަދަ އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ.

ކޮންމެ އަހަރަކު އޮކްޓޫބަރު 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މައިގަނޑު މަޤްޞަދަކީ، އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ތަފާތުކުރުންތައް ނައްތާލުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު