އާދިއްތަ, October 11
ހދ. ނޭކުރެންދޫ ބަނދަރު މަޝްރޫޢުގެ 59 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ 59 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އެކްސްގައި ހިއްސާކުރި އެންމެ ފަހުގެ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ރިވެޓްމަންޓް ޖަހަން ކަނޑައެޅިފައިވާ ސަރަހައްދުގެ ތެރެއިން 80 މީޓަރުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫޢަކީ ނޭކުރެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ، 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

ގާތްގަނޑަކަށް 1,400 މީހުންގެ އާބާދީއެއް އޮންނަ ނޭކުރެންދޫގައި، މުދާ އުފުލާ ބޯޓުފަހަރާއި ފެރީތަކަށް އެކަށީގެންވާ ފަސޭހަ ބަނދަރެއް ނެތުމަކީ ރަށުގެ ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުމެކެވެ.

މި މަޝްރޫޢުގެ ދަށުން 212 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، ބޮޑުހިލައިގެ ބޭރުތޮށްޓެއް ލުމާއި ރޭމްޕެއް އެޅުން ހިމެނެއެވެ. އަދި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ބަނދަރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި ބަނދަރުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، މޫސުން ގޯސް ދުވަސްވަރުވެސް އޮޑިދޯނިފަހަރަށް ރައްކާތެރިކަމާއެކު ފަޅަށް ވަދެނިކުމެ އުޅުމަށް ފަސޭހަވެގެންދާނެއެވެ. އަދި ރަށުގެ ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު ދިރުމެއް ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު