އާދިއްތަ, October 11
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓަކީ ފާގަތި މުސްތަޤްބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް

އަންހެން ދަރިންނަށްޓަކައި މިއަދު ކުރާ އިންވެސްޓްމަންޓަކީ ފާގަތި މާދަމައެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ވެފައިވާ ވަޢުދު އައުކުރުމުގައި ދިވެހިރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެކުދިންގެ ޤާބިލުކަން އިތުރުކުރުމަށް ކަމަށެވެ.

އަންހެން ކުދިން މުސްތަޤްބަލުގެ ލީޑަރުންނަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރައްކާތެރި އަދި އެއްބާރުލުން ލިބޭ މާޙައުލެއްގައި ޤައުމީ ތަރައްޤީއަށް މާނަހުރި ޚިދުމަތެއް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ސިޔާސަތުތަކަށް ސަރުކާރުން އިސްކަންދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަމާޒަށް ވާޞިލުވުމަށް ޢާއިލާތަކާއި މުޖުތަމަޢު އަދި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރަކު އޮކްޓޫބަރު 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު