ނޮވެމްބަރު 27 ގައި ބާއްވާ ޕާޓީގެ ޤައުމީ މަޖިލީހުގެ އިންތިޚާބާއި، އެ ނޫން ވެސް ބައެއް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިޚާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަންޏެވެ. ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހެނީ ޕާޓީގެ ޔެލޯ އެޕް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ 14:00 އެވެ.
އެގޮތުން އަތޮޅުތަކާއި ސިޓީތަކުން ޤައުމީ މަޖިލީހަށް ހޮވާ މެންބަރުންނާއި، ރަށު އަދި ސިޓީ ދާއިރާތައް ތަމްސީލުކުރާ ޤައުމީ މަޖިލީހުގެ މެންބަރުން މި އިންތިޚާބުގައި ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސް، ސެކެޓްރީ، އަންހެން ސެކެޓްރީ އަދި ޒުވާނުންގެ ސެކެޓްރީގެ މަގާމުތަކަށް ވެސް މީހުން އިންތިޚާބު ކުރާނެއެވެ.
އަދި ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަގާމަށާއި، އެ ދެ ގޮފިން ޤައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުންގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ޤައުމީ މަޖިލީހުގެ ހުރިހާ މަގާމަކަށް ކުރިމަތިލާ ކެންޑިޑޭޓުން 1،000 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މި އިންތިޚާބަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ދައުރަށް ލީޑަޝިޕްގެ އެކި ފަންތިތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ. މިއީ އެމްޑީޕީން ކޮންގްރެސް ބާއްވައި ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތައް ގެނައި ފަހުން ބާއްވާ ފުރަތަމަ އެތެރޭގެ އިންތިޚާބެވެ.






