Friday, October 9
އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް

އޮންލައިންކޮށް ވިޔަފާރިކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ނުވަ ވަނަ އެޕިސޯޑުގައި އާންމު އަންހެނަކު ވަނީ، ރައީސް މުއިއްޒު ގައުމުގެ ކަންކަމާއި ޑޮލަރުގެ މައްސަލަތައް ހަމައަކަށް އަޅުއްވަން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފުކުރުމާއެކު، "ޓެމޫ" މެދުވެރިކޮށް އޯޑަރު ނުޖެހޭތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ގިނަ ބަޔަކު ސާމާނު ހޯދުމަށް ބޭނުންކުރާ އެ ޕްލެޓްފޯމުން އޯޑަރު ނުކުރެވުމަކީ އާދައިގެ ނިކަމެތި ރައްޔިތުންގެ ބޮޑު ޝަކުވާއެއް ކަމަށާއި، އެކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.

އެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، ޓެމޫ ފަދަ އޮންލައިން ވެބްސައިޓުތަކުން ފައިސާ ދައްކައިގެން ތަކެތި ނުގަނެވޭ މައްސަލައިގައި ރައްޔިތުންނަށް ހުރި ދަތިތައް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވުމަށް ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު