ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދެވޭ ގޮތަށް އެކުލަވާލާފައިވާ އާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވުމާއި، ނުޙައްގުން ހޯދާ އެފަދަ މުދާ ނަގައި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.
ކުށް ސާބިތުވުމުން މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް މި ބިލުގައި ހިމެނެއެވެ. އަދި މި ބިލު ގާނޫނަކަށް ވުމުގެ ކުރިން ކުށްކޮށްގެން ހޯދާފައިވާ މުދާ ވެސް މި ދަށުން ނެގެއެވެ. ކުށް ސާބިތުވުމުން މުދާ ބޭނުންކުރުމާއި، ބަދަލުކުރުން ނުވަތަ ފޮރުވުން ހުއްޓުވަން ރިސްޓްރެއިންޓް އަމުރެއްގެ ދަށުން ޕީޖީއަށް މުދާ ހިފެހެއްޓޭނެއެވެ. ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ކޯޓުގެ ވަކި އަމުރަކާ ނުލައި އޮޓޮމެޓިކް ފޯފީޗާގެ ގޮތުގައި ވެސް މުދާ ނެގެއެވެ.
މި ބިލުގައި ޓެރަރިޒަމާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މީހުން މެރުމާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގްއާ ގުޅޭ ބޮޑެތި ކުށްތައް ހިމެނޭހެން 15 ބާވަތެއްގެ ކުށެއް ހިމަނާފައިވެއެވެ. ދައުލަތުން ހިފަހައްޓާ މުދާ ބެލެހެއްޓުމަށްޓަކައި، މާލީ ވުޒާރާގެ ދަށުން ހިނގާ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އެސެޓް މެނޭޖްމެންޓް އޮތޯރިޓީއެއް އުފެއްދުމަށް ރައީސަށް ބާރުލިބިދެއެވެ. އަވަހަށް ހަލާކުވާ ތަކެއްޗާއި ދިރޭ ތަކެތި ފަދަ މުދާ ނީލަން ކިޔައިގެންނާއި ބީލަމުގެ އުސޫލުން ވިއްކާލެވޭނެއެވެ. އަދި ދައުލަތަށް ނަގާ މުދަލާއި ފައިސާއިން، އެ ކުށުގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުމުން އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.






