މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މި ހާދިސާ ކަށަވަރުކޮށްދެއްވާފައެވެ. އަދި މި އެކްސިޑެންޓުގައި އިތުރު ދިވެއްސަކުވެސް ޝާމިލުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް އެ ކަމާ ގުޅޭ އިތުރު ތަފްސީލުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެޔަށް ދިޔަ މަގުމަތީގައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިޔާވި ދަރިވަރުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.






