މާލެ ސަރަޙައްދުގެ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ކޮންޓްރޯލްކޮށް، އަލިފާން ނިއްވުމުގެ މަސައްކަތުގައި ޑްރޯން ބޭނުންކުރުމަށް ތައްޔާރުވަމުންދާކަމަށް ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގެ 8 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ ޓެސްޓުތައް މިހާރު ކާމިޔާބުކަމާއެކު ހަދާފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައި މި ޚިދުމަތް އަމަލީގޮތުން ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގައި އަލިފާނުގެ ހާދިސާތައް ގިނަވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތޮއްޖެހިގެން ދިރިއުޅުމާއި، އުސޫލުތަކާ ޚިލާފަށް ނުރައްކާތެރިކޮށް ކަރަންޓު ވައިރުކުރުން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މަގުތައް ހަނިވުމާއި ވެހިކަލްތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އަލިފާންނިއްވާ ލޮރީތަކަށް ދަތިވާކަން ފާހަގަކުރައްވައި، ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢާއެކު އެކަމަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ވިދާޅުވިއެވެ.
ގޭސް ލީކުވެގެން ހިނގާ ހާދިސާތައް މަދުކުރުމަށްޓަކައި، ފެންވަރު ދަށް ގޭސް ރެގިއުލޭޓަރުތައް ވިއްކުން ހުއްޓުވުމަށް ވަކި މިންގަނޑުތަކެއް ކަނޑައެޅުމުގެ މަސައްކަތާއި، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.






