Monday, October 5
ރިއަލްއެސްޓޭޓް ޤާނޫނަކީ ވަކި ޕްރޮޖެކްޓަކަށް ޚާއްޞަކޮށް ހަދާ ޤާނޫނެއް ނޫން: ބަންޑާރަ ނައިބު

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ސަރުކާރުގެ 'އަހާ ފޯރަމް' ގައި ވާހަކަދައްކަވަނީ/ ފޮޓޯ- ރައީސް އޮފީސް

ރާއްޖޭގައި އަލަށް އެކުލަވާލަމުންދާ ރިއަލް އެސްޓޭޓް ޤާނޫނަކީ ވަކި ޕްރޮޖެކްޓަކަށް ނުވަތަ ރަސްމާލޭގެ މަޝްރޫޢަށް އެކަނި ޚާއްޞަކޮށްގެން ހަދާ ޤާނޫނެއް ނޫން ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 'އަހާ ފޯރަމް' ގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، މި ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ހިންގުމުގެ ފުރުސަތު ދިވެހި އަދި ބޭރުގެ ކުންފުނިތަކަށްވެސް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި މުޅިން އައު ސިނާއަތެއް ކަމަށްވާ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓް މާކެޓެއް އުފެއްދުމަށް މިހާރު ޤާނޫނީ އޮނިގަނޑެއް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން އުޝާމް ވިދާޅުވީ، ކޯޕަރޭޓް ރެޒިޑެންސް ވިސާގެ ދަށުން ރާއްޖޭގައި ބޭރުމީހުންނަށް ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ މީގެކުރީގެ ސަރުކާރުތަކުންވެސް ޢަމަލުކުރަމުން އައި އުސޫލެއް ކަމަށެވެ. އަދި ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ވެފައިވާ 20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ ޤާނޫނީ ލަފާ ހޯދައިގެން، ޤާނޫނާ އެއްގޮތަށް ކުރިއަށްގެންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، މި އެއްބަސްވުމާ ދެކޮޅަށް ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ ސުޕްރީމް ކޯޓަށް މިހާރު ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ޖީޑީޕީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި، ޤައުމަށް ފައިދާހުރި މިފަދަ ކަންކަމުގައި ސިޔާސީ ވިސްނުމުން އެއްކިބާވެ ޤައުމު އިސްކުރަންޖެހޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު