ޤައުމީ ރިޒާވުން މިހާރުވެސް ތެޔޮ ދޫކޮށްފައިވާތީ، އިތުރަށް ސާފުނުކުރާ ތެޔޮ ބާޒާރަށް ދޫކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރު ކިހާރާ ވިދާޅުވެއްޖެއެވެ. ކިހާރާ މިހެން ވިދާޅުވީ، ކުއްލި ހާލަތްތަކަށް ބަހައްޓާފައިވާ ރިޒާވުން 100 މިލިއަން ފީފާގެ ތެޔޮ ދޫކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބާރުއެޅުއްވުމާ ގުޅިގެން ޖީ7 ގެ ޤައުމުތަކުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ ބާޒާރަށް އަންނަ ލޮޅުންތައް ކުޑަކުރުމަށްޓަކައި، އައިއީއޭގެ މެންބަރު ޤައުމުތަކުން މާރިޗު މަހު ދޫކުރުމަށް އެއްބަސްވި 400 މިލިއަން ފީފާގެ ތެލުގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މިހާރު ދޫކޮށްފައިވީ ނަމަވެސް، ބާކީ ހުރި މިންވަރުން އަލަށް ދޫކުރާނެ މިންވަރެއް އަދި ސާފެއް ނުވެއެވެ.
އައިއީއޭގެ އެއްބަސްވުމުގެ ދަށުން ޖަޕާނުން 80 މިލިއަން ފީފާގެ ތެޔޮ ދޫކުރަން ނިންމައި، މޭ މަހުވެސް ދެވަނަ ބުރަކަށް ތެޔޮ ދޫކޮށްފައިވާތީ، މި ދަނޑިވަޅުގައި ޖަޕާނުގެ ރިޒާވުން އިތުރަށް ތެޔޮ ދޫކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެ ޤައުމުގެ ކެބިނެޓް ސެކްރެޓަރީ ކިހާރާ ވަނީ ވިދާޅުވެފައެވެ.
ޖީ7 ގެ މި ބައްދަލުވުން ބާއްވާފައިވަނީ ޔޫރަޕްގެ ރިޒާވުން ތެޔޮ ދޫކުރުން ލަސްވުމާއި ދުނިޔޭގެ ބާޒާރުގައި ޑީސަލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ އުފެދިފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައިވަނީ ޔޫރަޕާއި އެމެރިކާ އަދި އެހެނިހެން ސަރަޙައްދުތަކުގައި ޑީސަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކަށެވެ.






