ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި މައްސަލައެއްގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މައްސަލައިގައި، އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ ތޭމްސް ވެލީ ޕޮލިހާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވައިފިއެވެ.
ވިޔަފާރިއާ ބެހޭ ހާއްސަ މަންދޫބެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް އެޕްސްޓީންއަށް ލީކުކުރި ކަމުގެ ތުހުމަތުގައި ފެބްރުއަރީ މަހު ހައްޔަރުކުރުމާ ގުޅިގެން، ފުލުހުން އަމަލުކުރީ ގާނޫނާ އެއްގޮތަށްތޯ ކަނޑައަޅައިދިނުމަށް އެދި އޭނާ ވަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.
ސޭންޑްރިންގހަމް އަދި ވިންޑްސާގައި ހުންނަ އޭނާގެ ގެތައް ބަލައިފާސްކުރުމަށް ފުލުހުންނަށް ދިން ކޯޓު އަމުރުތަކާ ގުޅިގެން ޕްރިންސް އެންޑްރޫ ޖުޑީޝަލް ރިވިއުއަކަށް ހުށަހަޅުއްވާފައިވާއިރު، އެޕްސްޓީންއަށް ސިއްރު ލިޔެކިޔުންތަކެއް ހަވާލުކުރި ކަމަށް ބުނާ މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މި ރިޕޯޓާ ގުޅިގެން ރޮއިޓާސްއިން މައުލޫމާތު ސާފުކުރަން އެދުމުން ތޭމްސް ވެލީ ޕޮލިހުންނާއި ބަކިންހަމް ޕެލަސްއިން ވަގުތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އެޕްސްޓީންއާ ގުޅުވައި ކުރެވޭ ތުހުމަތުތަކަށް އެންޑްރޫ އިންކާރު ކުރެއްވި ނަމަވެސް، އެ ގުޅުމުގެ ސަބަބުން 2019 ގައި ޝާހީ ޒިންމާތަކުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އިރު، ފަހުން ރަސްގެފާނު ވަނީ އޭނާގެ ޝާހީ ލަގަބުތައް ވެސް އަތުލައްވާފައެވެ.






