Tuesday, November 24
ރަސްމާލެ މަޝްރޫޢުއިން ދައުލަތަށް 11 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ: ފިނޭންސް މިނިސްޓަރ
ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވި ގޮތުގައި، ރަސްމާލެ ވޯޓާފްރޮންޓް މެރީނާ މަޝްރޫޢުގެ 10 އަހަރުގެ ތަރައްޤީގެ މުއްދަތުގެ ތެރޭގައި ދައުލަތަށް 11 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުން އެވެރެޖްކޮށް އަހަރަކު ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު ދައުލަތަށް ވަންނާނެއެވެ. މިއީ ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތަކުން ލިބޭ ޖުމްލަ އާމްދަނީ ފަހަނައަޅައިދާނެވަރުގެ ބޮޑު ޢަދަދެކެވެ.

ދައުލަތަށް މި އާމްދަނީ ވަންނާނެ ކަމަށް ލަފާކޮށްފައިވަނީ ޓީޖީއެސްޓީގެ ސްޓޭންޑަޑް ރޭޓާއި، މާސްޓާ ޑިވެލޮޕަރުގެ ފުރަތަމަ ވިއްކުމާއި ކުއްޔާ ގުޅޭ 10 އިންސައްތައިންނާއި، އަދި ގަންނަ ފަރާތްތަކުން ފުރަތަމަ ގަތުމާއި ދެވަނަ ފަހަރު ބަދަލުކުރުމުގައި މުދަލުގެ އަގުގެ 4 އިންސައްތައިންނެވެ. މި އެއްބަސްވުމުގެ ދަށުން އެއްވެސް ޓެކްސް ލުޔެއް ނުވަތަ ޑިއުޓީ އިސްތިސްނާއެއް ދީފައެއް ނުވާ ކަމަށާއި، ސަރުކާރުން އެއްވެސް ލޯނެއް ނެގުމެއް ނުވަތަ ސޮވެރިން ގެރެންޓީއެއް ދިނުމެއް ވެސް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ޕްރޮޕަޓީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ބަހައްޓާނީ ރާއްޖޭގެ އެސްކްރޯ އެކައުންޓެއްގައި ކަމަށާއި، ހުރިހާ މުޢާމަލާތެއްވެސް ކުރަންޖެހޭނީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. 500 ހެކްޓަރުގެ ބިމުގައި 20 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ފީޒްތަކަކަށް ބަހާލައިގެން ހިންގާ މި ބިޔަ މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ގެދޮރު، ހޮޓެލް، ރިސޯޓު، މެރީނާ، ފިހާރަ، އޮފީސް އަދި ތަޢުލީމީ އަދި ޞިއްޙީ ވަޞީލަތްތައް ހިމެނޭ މި މަޝްރޫޢު ފުރިހަމަވެ ނިމުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު އިޤުތިޞާދަށް ވަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު