Monday, November 16
މެރިކަލްޗާ ސަރަޙައްދުތައް ހުޅުވައިލުމުގެ މަސައްކަތް އޮކްޓޫބަރު މަހު ފަށަނީ
ފަޅުރަށްރަށާ ބެހޭ އައު ޤާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ޤަވާއިދުތައް އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިންމައި، މެރިކަލްޗާއަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތައް ހުޅުވައިލުމުގެ މަސައްކަތް ފެށޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް ބޭރުން އެތެރެކުރުން މަދުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމަށެވެ. އެގޮތުން، އިމްޕޯޓަށް ކުރާ ހޭދަ ކުޑަކޮށް، ރާއްޖެއިން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓުމަށްޓަކައި ދަނޑުވެރިކަމާއި މެރިކަލްޗާގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަމާއި، ފަޅުރަށްރަށާ ބެހޭ އައު ޤާނޫނުގެ ސަބަބުން އެފަދަ އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުން މެރިކަލްޗާ ތަރައްޤީކުރުމަށް 13 ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، އެ ސަރަޙައްދުތަކުގައި މަޝްރޫޢުތައް ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށް ގިނަ ޢަދަދެއްގެ ޕްރޮޕޯސަލްތައް މިހާރުވެސް ލިބިފައިވާ ކަމަށް ޝިޔާމް ހާމަކުރެއްވިއެވެ. އައު ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ނިމުމުން، ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަން މަސައްކަތް ފެށި، މެރިކަލްޗާ ސަރަޙައްދުތައް ރަސްމީކޮށް ހުޅުވާލެވޭނެއެވެ. މީގެއިތުރުން، ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން މީހުން ދިރިއުޅޭ 10 ރަށަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު