ރާއްޖޭގެ އެންމެ އުތުރުން ހއ. އުލިގަމުގައި ފެންވަރު ރަނގަޅު ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ހުޅުވާލި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ކުރިން މިމަހުގެ 21 އަށް ސުންގަޑި ހަމަވާގޮތަށް އޮތް ނަމަވެސް، އެމްޕީއެލްއިން މިހާރު ވަނީ އީއޯއައި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް އާންމުކޮށްފައެވެ.
މި މަޝްރޫއަކީ އުތުރުގެ އިގްތިސާދު ސިންދަފާތުކޮށް، މެރިޓައިމް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެމްޕީއެލްގެ ދުރުރާސްތާ ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މައި ޔޮޓް ދަތުރުފަތުރުގެ މަގުގައި އޮންނަ އުލިގަމުގައި މި މެރީނާ ހެދުމަށް ބޭނުންވާ 70,471 އަކަމީޓަރުގެ ބިން، ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މިދިޔަ އޮގަސްޓު މަހު ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ މައިގަނޑު އަސާސީ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް، އޭގެ ތެރޭގައި ފަޅު ކޮނުމާއި، ނެރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، ޖެޓީއާއި ފްލޯޓިން ޕޮންޓޫން ސިސްޓަމްގެ އިތުރުން އައިއެސްޕީއެސް މިންގަނޑަށް ފެތޭ އެންޓްރީ ފެސިލިޓީއެއް ގާއިމުކުރުން މިހާރުވެސް އެމްޕީއެލްއިން ދަނީ ކުރަމުންނެވެ.
އީއޯއައިގެ މައިގަނޑު ބޭނުމަކީ ޔޮޓިންގ ހިދުމަތްތަކުގެ އިތުރުން ރިސޯޓު ފެންވަރުގެ ޓޫރިޒަމާއި ލައިފްސްޓައިލް ހިދުމަތްތައް ހިމެނޭހެން އެ ސަރަހައްދު ތަރައްގީކޮށް ހިންގާނެ މާސްޓާ ޑިވެލޮޕަރުންނާއި އޮޕަރޭޓަރުން ހޯދުމެވެ. ހޮވޭ ފަރާތަކުން މެރީނާ އޮޕަރޭޝަންތަކާއި، މެރީނާ ހޮޓާ ނުވަތަ ބުޓީކް ރިސޯޓު ފަދަ ތަންތަން ތަރައްގީކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި އެ މަންޒިލް މާކެޓުކުރުމުގެ މަސައްކަތް ކުރަންޖެހޭނެއެވެ.
މި ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި، ޖޮއިންޓް ވެންޗާ އަދި ކޮންސޯޝިއަމްތަކަށް ހުޅުވާލެވިފައިވާއިރު، މަޝްރޫއު ހަވާލުކުރާނީ ދިގު މުއްދަތުގެ ކުއްޔަކަށް ނުވަތަ ބީއޯޓީ/ބީޓީއޯ މޮޑެލްގެ ދަށުންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އެއްފަހަރާ 18 ޔޮޓު ބަނދަރުކުރެވޭނެ މެރީނާއެއް ތަރައްގީކުރެވޭއިރު، އެތަނުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތްވެސް ފޯރުކޮށްދޭނެއެވެ.
މި ލިޔުން ކިޔާލުމުން



