ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މި ތަހުނިޔާ ފޮނުއްވާފައިވަނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ވަލީޢަޙްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ޝާހީ ޢާއިލާއަށާއި، ސަޢޫދީ ސަރުކާރުގެ އިތުރުން ސަޢޫދީގެ ރައްޔިތުންނަށް ވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމަކީ ޤަރުނުތަކެއް ވީ ތާރީޚީ ގުޅުމެއްގެ މައްޗަށާއި، އިސްލާމީ އެއްބައިވަންތަކަމުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި ޚިދުމަތްތަކަށްޓަކައި ދިވެހިރާއްޖެއިން އަބަދުވެސް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރުވެރިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާއަށް އަމަންއަމާންކަމާއި، ފާގަތިކަމާއި އަދި ޝަރަފާއި ޢިއްޒަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
މި ލިޔުން ކިޔާލުމުން



