ދިވެހިރާއްޖޭގެ ޤައުމީ ބަސް ބޭނުންކުރުމުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ދިވެހިބަހުގެ އެކެޑަމީން އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ނެރުއްވި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 11 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސް" ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި ޤާނޫނު ނަންބަރު 9/2011 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުޢާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުން ކަމަށް ބަޔާންކޮށްފައިވާކަން އެކެޑަމީން ވަނީ ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަންދޭންވާނެ ކަމަށް ޤާނޫނުގައި ޞަރީޙަކޮށް ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަންބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، މިއީ އެންމެހައި ފަރާތްތަކުން ތަންފީޒުކުރަން ލާޒިމުކަމެއް ކަމަށް ދިވެހިބަހުގެ އެކެޑަމީން ފާހަގަކުރެއެވެ.
އެކެޑަމީގެ އިޢުލާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ޤާނޫނެއްގައި ވަކިގޮތަކަށް ޢަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ އެ ޤާނޫނުން އުފައްދާ ބަރީޢަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމުގައެވެ.
ނަމަވެސް، ޤާނޫނުގައި މިފަދައިން ބަޔާންކޮށްފައި ވީނަމަވެސް ބައެއް ފަރާތްތަކުން މި އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެފައިވެއެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައިވާ ކަންކަމަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި، އެ ޤާނޫނާ އެއްގޮތަށް އެންމެހައި ކަންކަން ތަރުތީބުކޮށް ޢަމަލުކުރައްވަމުން ގެންދެވުމަށް އެކެޑަމީން ވަނީ ދައުލަތުގެ އިދާރާތަކަށާއި އެންމެހައި ފަރާތްތަކަށް އަންގަވާފައެވެ.
މި ލިޔުން ކިޔާލުމުން



