ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުން ވަނީ ކެންސަލްކޮށްފައެވެ. ކޯޓުން މައުލޫމާތު ދިން ގޮތުގައި އަޑުއެހުން ކެންސަލްކުރީ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ދައުލަތުގެ ވަކީލުން ބަލިވެ އުޅުއްވާތީ، ދައުލަތުގެ އެދުމުގެ މަތިންނެވެ.
ފުއްގިރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރެވޭ ދައުވާގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މައްސަލަ މިހާރު އޮތީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައެވެ. މި މައްސަލައިގެ ހެކިބަސް ދެމުން، އެ ރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއްގައި ފުއްގިރި ކުއްޔަށް ދީފައިވާ ކަމަށް ހެކިވެރިއަކު މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓުގައި ބުނެފައެވެ.
މީގެއިތުރުން، ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ ވ. އާރަށު މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް، އަލުން ބަލަން އަންގާފައިވާއިރު، ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް އޮތީ މަޑުޖައްސާލާފައެވެ.
މި ލިޔުން ކިޔާލުމުން



