އީރާނުގެ އެއާލައިންތަކަށް ޚިދުމަތްދޭ ބޭރުގެ ކުންފުނިތަކަށް ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ، ބުދަ ދުވަހުން ފެށިގެން އީރާނުގެ ހުރިހާ އެއާލައިންތަކެއްގެ ބައިނަލްއަޤްވާމީ ދަތުރުތައް މުޅި ދުނިޔޭގައި ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ދެއްވައިފިއެވެ.
ސީ.އެން.ބީ.ސީ އަށް ދެއްވި އިންޓަވިއުއެއްގައި ބެސެންޓް ވިދާޅުވީ، ސެޕްޓެމްބަރު 23 ވާ ބުދަ ދުވަހުން ފެށިގެން އީރާނުގެ ހުރިހާ އެއާލައިންތަކެއްގެ ދަތުރުތައް ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި މި ފިޔަވަޅަކީ ހަމައެކަނި އެއާލައިންތަކަށް އެކަނި އަމާޒުކުރެވޭ ފިޔަވަޅެއް ނޫން ކަމަށާއި، އީރާނުގެ ބޯޓުތަކަށް އެހީތެރިވާ އެއާޕޯޓްތަކާއި، ތެޔޮ ފޯރުކޮށްދޭ ފަރާތްތައް އަދި ޓިކެޓް ވިއްކާ ކުންފުނިތައް ވެސް އެމެރިކާ ޑޮލަރުގެ މާލީ ނިޒާމުން ބޭރުކޮށްލެވޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އީރާނުގެ މަތިންދާބޯޓުތައް ޖެއްސި ނަމަވެސް އެ ފަރާތްތަކަށް ތެޔޮ އެޅުމާއި، ލޭންޑިންގ ޚިދުމަތްތައް ދިނުމާއި، ޓިކެޓް ވިއްކުން ފަދަ ޚިދުމަތްތައް ނުދެވޭނެ ކަމަށާއި، އެފަދަ ޚިދުމަތެއް ދީފިނަމަ ޑޮލަރުގެ މާލީ ނިޒާމުން ބޭރުކޮށްލެވޭނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ބެސެންޓް ވަނީ އިންޒާރު ދެއްވާފައެވެ.
މި ފިޔަވަޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތެހެރާނާ ދެކޮޅަށް އަޅަމުންދާ އިޤްތިޞާދީ ފިއްތުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
އެމެރިކާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އައު މަތިންދާބޯޓާއި ސްޕެއާ ޕާޓްސް ހޯދުމަށް ދަތިވެ، އީރާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް މިހާރުވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި މި މަހުގެ ކުރީކޮޅު އެމެރިކާގެ ޓްރެޜަރީން ވަނީ އީރާނުގެ ބާކީ ހުރި އެއާލައިންތަކަށާއި އެ ދާއިރާއަށް އެހީތެރިވާ ބޭރުގެ ކުންފުނިތަކަށް ވެސް ފިޔަވަޅު އަޅާފައެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޗައިނާގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ވިދާޅުވެފައިވާއިރު، އެމެރިކާއާއި ޗައިނާގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގެ ކުރިން، ޗައިނާގެ ވައިސް ޕްރިމިއަރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ހިމެނޭހެން އެ ޤައުމުގެ މާލީ އިދާރާތަކާއެކު އެދެވޭ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



