ޔަމަނުގެ ހޫޘީން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިޔާ ދިފާޢުކުރުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ ޖެޓުތަކަށް ވައިގެ ތެރޭގައި ތެޔޮ އަޅައިދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ނިންމާފައިވާކަން އިނގިރޭސި ބޮޑުވަޒީރު އެންޑީ ބަރންހަމް ވަނީ ހާމަކުރައްވާފައެވެ.
އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބަރންހަމް ވިދާޅުވީ، ރޯޔަލް އެއަރ ފޯސް (އާރް.އޭ.އެފް) މެދުވެރިކޮށް ދިފާޢީ ގޮތުން ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދިނުމަށް ނިންމެވީ ޑިފެންސް ސެކްރެޓަރީ އާއި ފޮރިން ސެކްރެޓަރީގެ ލަފާފުޅުގެ މަތިން ކަމަށެވެ. މިއީ ވަކި މުއްދަތަކަށް ވެފައިވާ އެއްބަސްވުމެއް ކަމަށާއި މި ނިންމުން މުރާޖަޢާ ކުރަމުންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފާއިތުވި ހަފުތާތަކުގައި ހޫޘީންނާއި ސަޢޫދީގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަނީ ވަރުގަދަވެފައެވެ. މިގޮތުން ހޫޘީން ވަނީ ސަޢޫދީ ޢަރަބިޔާއަށް މިސައިލާއި ޑްރޯން ހަމަލާތައް އަމާޒުކޮށްފައެވެ. އޭގެ އިތުރުން ޔަމަނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ މޮކާއާއި ރަތްކަނޑުގެ މުހިންމު ރަށްތަކެއް ހިފުމުގެ ސަބަބުން، ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ދަތުރުކުރާ ބާބުލްމަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.
ބަރންހަމް އިތުރަށް ވިދާޅުވީ، މި ނިންމުމަކީ އިނގިރޭސިވިލާތާއި މުޅި ސަރަޙައްދުގެ މަޞްލަޙަތު ރައްކާތެރިކުރުމަށާއި، ތެޔޮ ގެންދާ މަގުތައް ބަންދުވިޔަނުދީ ހުޅުވާފައި ބެހެއްޓުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. ޕީއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ މި މިޝަންގައި ހޫޘީންނަށް ހަމަލާދިނުމުގައި ބައިވެރިނުވާނެ ކަމަށާއި، މި މަސައްކަތުގައި ހަރަކާތްތެރިވާނީ އާރް.އޭ.އެފް ވޮޔޭޖަރ މަރުކާގެ އެއް ބޯޓެވެ.
އިނގިރޭސިވިލާތާއި ސަޢޫދީ ޢަރަބިޔާއަކީ އަސްކަރީ ގޮތުން ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. މީގެ ކުރިންވެސް އީރާނުގެ މިސައިލް ހަމަލާތަކުން ސަޢޫދީ ރައްކާތެރިކުރުމަށް އެހީވުމުގެ ގޮތުން އިނގިރޭސިވިލާތުން ވަނީ 'ސްކައި ސޭބަރ' އެއަރ ޑިފެންސް ސިސްޓަމް ސަޢޫދީގައި ޤާއިމުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



