ގދ. ތިނަދޫގައި އަލަށް އުފަންވެ، އެ ސިޓީގައި ރަޖިސްޓްރީވާ ތުއްތުކުދިންނަށް މާލީ އެހީ ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.
ތިނަދޫ ސިޓީ ކައުންސިލުން ވަނީ "އަލަށް އުފަންވެ، ތިނަދޫ ސިޓީގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް އިނާމެއް ކަނޑައެޅުމުގެ އުސޫލު" މިއަދު އާންމުކޮށްފައެވެ. މި އިނާޔަތް ދިނުމުގެ މައިގަނޑު މަގުސަދަކީ ތިނަދޫގެ އިތުރުން މުޅި ރާއްޖޭގައިވެސް އާބާދީ އިތުރުވާ މިންވަރު ދަށްވަމުންދާތީ، ޒުވާން އާއިލާތަކަށް ހިތްވަރުދީ ވިހާ މިންވަރު މަތިކުރުމަށް ބާރުއެޅުމެވެ.
މި އުސޫލުގެ ދަށުން އެހީ ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ތިނަދޫ ރަށްވެހިންނަށް ލިބޭ ކުދިން ހިމެނޭ ކެޓަގަރީ A އަށް 1,500 ރުފިޔާ ކަނޑައަޅާފައިވާއިރު، އެހެން ރަށެއްގެ މައިންބަފައިންނަށް ލިބޭ ކުދިންގެ ތެރެއިން ތިނަދޫގައި ރަޖިސްޓްރީކުރާ ކުދިން ހިމެނޭ ކެޓަގަރީ B އަށް ކަނޑައަޅާފައިވަނީ 2,000 ރުފިޔާއެވެ.
މިއީ އެއްފަހަރު ދެވޭ މާލީ އެހީއެއް ކަމަށްވާއިރު، އެހީ ލިބޭނީ ތިނަދޫގައި އުފަންވެ އެ ސިޓީގައި ރަޖިސްޓްރީވާ ކުދިންނަށާއި، އެހެން ރަށެއްގައި އުފަންވި ނަމަވެސް ފުރަތަމަ ރަޖިސްޓްރީވާ ތަނަކީ ތިނަދޫ ކަމުގައިވާ ނަމައެވެ. އަދި ކުއްޖާގެ މައިންބަފައިންނަކީ ތިނަދޫ މީހުންނަށް ނުވި ނަމަވެސް ކުއްޖާ ތިނަދޫގައި ރަޖިސްޓްރީކުރަންވާނެއެވެ. ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕައަކީ ތިނަދޫގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާންޖެހެއެވެ. ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލަނީ އައިޑީކާޑު ހެއްދުމުން ކަމަށްވާއިރު، ރަޖިސްޓްރީވާތާ އެއް މަސްދުވަހުގެ ތެރޭގައި އެހީ ހޯދުމަށް ސިޓީ ކައުންސިލަށް ހުށަހަޅަންޖެހެއެވެ.
މި ލިޔުން ކިޔާލުމުން



