ޒިންމާދާރު އަދި ހުނަރުވެރި ޒުވާނުންތަކެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް ސާވިސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމް" ގެ ތިންވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިދިޔަ މެއި 17 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނު ނިންމުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންގެ ބެލެނިވެރިންނާއި އާއިލާތަކުންވެސް ބައިވެރިވިއެވެ.
ރާއްޖޭގެ 112 ރަށަކުން 352 ދަރިވަރުން ބައިވެރިވި މި ބެޗުން ޖުމްލަ 341 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ. ތަފާތު ދާއިރާތަކުން ދެވުނު މި ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމި ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ދޫކުރާނެއެވެ.
މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 1،029 ދަރިވަރުން ދަސްވެނިވެފައިވާއިރު، ފުރަތަމަ އަދި ދެވަނަ ބެޗުން ކުރިން ދަސްވެނިވީ ކޮންމެ ބެޗަކުން 344 ދަރިވަރުންނެވެ. މީގެއިތުރުން، ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން 137 ދަރިވަރަކު ވަނީ އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯސްވެސް ފުރިހަމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



