އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޖެނެރަލް ކޮންފަރެންސްގެ 70 ވަނަ އާންމު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފްދަކުން ބައިވެރިވެއްޖެއެވެ.
އޮސްޓްރިއާގެ ވިއެނާގައި މި މަހުގެ 14 އިން 18 އަށް ކުރިއަށްދިޔަ މި ކޮންފަރެންސަކީ، 4 ޑިސެމްބަރު 2025 ގައި ރާއްޖެ އައިއޭއީއޭގެ މެންބަރަކަށް ވީފަހުން މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ބައިވެރިވި ފުރަތަމަ ޖެނެރަލް ކޮންފަރެންސެވެ. މި ބައްދަލުވުމުގައި ދިވެހި ވަފްދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ސަލްމާ ވަނީ އައިއޭއީއޭއާއެކު ގުޅިގެން މަސައްކަތްކުރަން ރާއްޖެއިން ބޭނުންވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން:
- ސިއްހީ ދާއިރާ: ކެންސަރު ބަލި ކުރިއާލާ ދެނެގަތުމާއި، ފަރުވާގެ ފުރުސަތުތައް ފުޅާކުރުން.
- ތިމާވެއްޓާއި ހަކަތަ: ސާފު ހަކަތަ ކަށަވަރުކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ފަންނިއްޔާތުތައް ހޯދުން.
- ކާރިސާތަކަށް ތައްޔާރުވުން: ޤައުމީ ފެންވަރުގައި ކާރިސާތަކުން ރައްކާތެރިވުމާއި ތައްޔާރީތައް ވަރުގަދަކުރުން.
މީގެއިތުރުން، ކޮންފަރެންސްގެ ހަވާސާގައި ބޭއްވުނު "ރޭސް އޮފް ހޯޕް" އިނިޝިއެޓިވްގެ ހަރަކާތްތަކުގައިވެސް ރާއްޖޭގެ ވަފްދުން ބައިވެރިވިއެވެ. މި ހަރަކާތްތަކުގައި ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކެންސަރުގެ ފަރުވާ ހަރުދަނާކުރުމާއި، ރޭޑިއޯއެކްޓިވް ކުނި މެނޭޖުކުރުމުގައި ރެގިއުލޭޓަރުންނާއި ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ދަތުރުގެ ތެރެއިން ޑރ. ސަލްމާ ވަނީ އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީގެ އިތުރުން، އެ އޭޖެންސީގެ ރެގިއުލޭޓަރީ އިންފްރާސްޓްރަކްޗަރު ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޓީމާ ބައްދަލުކުރައްވާފައެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވުމަކީ އެ އޭޖެންސީއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ސިއްހީ، ތިމާވެށި، ސާފު ހަކަތަ އަދި ރައްކާތެރިކަމުގެ ދާއިރާތަކުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ލިޔުން ކިޔާލުމުން



