އެމެރިކާއިން އީރާނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށާއި، އަދި އީރާނުގެ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތައް ހުރި ކަމަށް އދ. ގެ ފެކްޓް ފައިންޑިންގ މިޝަނުން ހާމަކޮށްފިއެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުކުރި މި ރިޕޯޓުގައި ފެބްރުއަރީ މަހު ފެށުނު އީރާން ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާއި، އީރާނުގެ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އީރާނުގެ މިނާބް ސިޓީގެ ޕްރައިމަރީ ސްކޫލަކަށާއި ލާމަރުދުގައި ހުންނަ ކުޅިވަރު މަރުކަޒަކަށް ދިން ނުރައްކާތެރި ހަމަލާތަކުގެ ފަހަތުގައި ވަނީ އެމެރިކާގެ ސިފައިން ކަމަށް އދ. ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ސްކޫލަށް ދިން ހަމަލާގައި 120 ކުޑަކުދިން ހިމެނޭހެން 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އާންމުން ދިރިއުޅޭ ތަންތަނަށް ދިން މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް އދ. ގެ މިޝަނުން ވަނީ ނިންމާފައެވެ.
އދ. ގެ ރިޕޯޓާ ގުޅިގެން ޕެންޓަގަނުން ތަޙުޤީޤު ކުރިއަށްދާ ކަމަށް ބުނެފައިވާއިރު، ވައިޓް ހައުސްއިން ވަނީ ހަނގުރާމައިގެ ޖަރީމާ ހިންގީ ހަމައެކަނި އީރާނުން ކަމަށް ބުނެފައެވެ. އަދި ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ ސްކޫލަކަށް ގަސްތުގައި އެއްވެސް ފަރާތަކުން ހަމަލާނުދޭ ކަމަށް ވިދާޅުވެފައެވެ.
އަނެއްކޮޅުން، އީރާނުގައި ހިނގި މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުން ޤާނޫނާ ޚިލާފަށް މީހުން މެރުމާއި، އަނިޔާކުރުމާއި، މީހުން ގެއްލުވާލުން ފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް އދ. ގެ ތަޙުޤީޤުން ދައްކައެވެ. އަދި މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ރަސްމީ އަދަދަށްވުރެ މާ މަތިވާނެ ކަމަށް ލަފާކުރެވެއެވެ.
މި މިޝަނަކީ ޝަރުޢީ ކޯޓެއް ނޫން ނަމަވެސް، މި ރިޕޯޓުގެ ހޯދުންތައް އައިސީސީ ފަދަ އިދާރާތަކުގެ ތަޙުޤީޤުތަކުގައި ބޭނުންކުރެވޭނެ ކަމަށާއި، މި ރިޕޯޓު އަންނަ ހޯމަ ދުވަހު އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހަޅާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



