ސީރިއާގެ މައްސަލައިގައި ބޭއްވި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުން، އެ ގައުމުގެ ބިމުގައި ސިފައިން ބޭތިއްބުމާ ގުޅޭގޮތުން އިސްރާއީލާއި ތުރުކީއާ ދެމެދު ހޫނު ބަހުސަކަށް ބަދަލުވެއްޖެއެވެ. އަސަދުގެ ވެރިކަމަށްފަހު ސީރިއާގެ ކަންކަން ބަދަލުވަމުންދާ ގޮތާ ބެހޭގޮތުން އދ. އިން ބޭއްވި މި ބައްދަލުވުމުގައި، ސީރިއާގެ ބިމުގައި އަސްކަރީ ގޮތުން ހަރަކާތްތެރިވުމުގެ ހައްގު އޮތީ ކޮން ބަޔަކަށްތޯ ބުނެ ސީރިއާ، އިސްރާއީލު އަދި ތުރުކީން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ރައްދުކޮށްފައެވެ.
އދ. ގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީރިއާގެ ދާއިމީ މަންދޫބު އިބްރާހީމް އޮލާބީ ވިދާޅުވީ، ސީރިއާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނަކީ "ހަމައެކަނި ސީރިއާއަށް ނޫން، މުޅި ސަރަހައްދުގެ ހަމަޖެހުމަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ" ކަމަށެވެ. އަދި ސުލްހައިގެ މަސައްކަތްތަކަށް އިސްރާއީލުން ޖަވާބުދެނީ ވައިގެ ހަމަލާތަކާއި ގާނޫނާ ޚިލާފު އަމަލުތަކުން ކަމަށް ވިދާޅުވެ، ސެޕްޓެމްބަރު 9 ގައި ސީރިއާގެ ޖަބަލް އަލް-ޝެއިޚަށް އިސްރާއީލުގެ ވެރިން ޒިޔާރަތްކުރުން ކުށްވެރިކޮށް 44 ގައުމަކުން ނެރުނު ބަޔާނަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.
އދ. ގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޑެނީ ޑެނަން ވަނީ އިސްރާއީލުގެ ހަރަކާތްތައް ކުޑަކޮށް ދައްކުވައިދީ، ސަމާލުކަން ތުރުކީއަށް އަނބުރާލައްވާފައެވެ. ޑެނަން ވިދާޅުވީ ތުރުކީގެ 20،000 ސިފައިންނާއި 100 އަށް ވުރެ ގިނަ އަސްކަރީ މަރުކަޒު މެދުވެރިކޮށް ސީރިއާގެ ބިމުގެ 5 އިންސައްތަ ކޮންޓްރޯލް ކުރަމުންދާ ކަމަށާއި، ތުރުކީން އަމަލުކުރަނީ އީރާނުގެ ޕްރޮކްސީ އުކުޅުތަކާ އެއްގޮތަށް ކަމަށެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވަމުން އދ. ގައި ހުންނަވާ ތުރުކީގެ ސަފީރު އަހުމަދު ޔިލްދިޒް ވިދާޅުވީ، ސީރިއާގައި ތުރުކީ ސިފައިން ތިބީ ސީރިއާ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ. އަދި އިސްރާއީލުން ހިންގާ ޖަރީމާތައް ދިފާއުކުރުމަށްޓަކައި ތުރުކީއާ ދެކޮޅަށް ދައްކާ ވާހަކަތައް ދޮގުކުރައްވައި، ސީރިއާ ސަރަހައްދުން ސިފައިން ފަހަތަށް ޖެއްސުމަށް އިސްރާއީލަށް ގޮވާލެއްވިއެވެ.
މި ބަހުސާ ގުޅިގެން ސީރިއާގެ ސަފީރު އިތުރަށް ވިދާޅުވީ، ސީރިއާއާ ގުޅޭ ބައްދަލުވުންތަކުގައި ދެން ޕްރޮކްސީ މައްސަލަތަކާ ބެހޭގޮތުން ވާހަކަދައްކައިގެން ނުވާނެ ކަމަށާއި، މިއީ ކުރީގެ ވެރިކަމުގެ ދުވަސްވަރު ކަންހިނގި ގޮތް ކަމަށް ވިދާޅުވެ މިފަދަ ބަހުސްތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



