2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި ޕީއެންސީ ގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވައި، ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ދެންނެވުމަށް އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު ވަނީ ގަރާރެއް ފާސްކޮށްފައެވެ. ޕީއެންސީގެ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމް ހުށަހެޅުއްވި މި ގަރާރު ފާސްވީ ޖަލްސާއަށް ހާޒިރުވި 1119 މެންބަރުންގެ އިއްތިފާގުން، އަތްނަގައިގެން ނެގުނު ވޯޓުންނެވެ.
މި ގަރާރު ހުށަހަޅުއްވަމުން އަބްދުﷲ އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވައި، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭގެ އިތުރުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކުރެއްވުމާއި، ޤައުމުގެ މާލީ ދަތިކަމާއި ދަރަނީގެ މައްސަލަތަކަށް ރައްޔިތުންނަށް ދަތިނުވާނޭހެން ހަރުދަނާ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިގްތިސާދު ސިންދަފާތުކުރުމާއި، "ޑިޖިޓަލް މޯލްޑިވްސް 2.0" ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތައާރަފްކުރެއްވުމުގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ހިންގެވުމާއި ބައިނަލްއަގްވާމީ މައިދާނުގައި ފަލަސްތީނުގެ ހައްގުގައި ކުރައްވާ ވަކާލާތުތައްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެކަން ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މި ގަރާރުގެ ބަހުސް ވަގުތުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވަނީ ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާފައެވެ. ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހެނީ ޤައުމުގެ މިނިވަންކަން ދެމެހެއްޓެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަކީ މަތީ މަޖިލީހުގެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
މި ލިޔުން ކިޔާލުމުން



