ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީ.ޕީ.ސީ) ގެ އިސް ވަފުދަކާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ސީ.ޕީ.ސީގެ ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާބެހޭ ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޝިއުބިން އިސްވެވަޑައިގެން، ރައީސްގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަފުދުގެ އިސްވެރިޔާ ޕެންގް ވަނީ، ދެ ޤައުމުން ހިފަހައްޓާ އެއްގޮތް އުޞޫލުތަކާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަކީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައިގަނޑު އަސާސްކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމީ އިޞްލާޙީ ބަދަލުތަކަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމަށާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ޙާޞިލުކުރައްވާފައިވާ ކާމިޔާބީތަކަށް ތަޢުރީފުކުރައްވަމުން، އެއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިފައިވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ޕެންގް ސިފަކުރެއްވިއެވެ.
އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ފުޅާކޮށް، ދެފަރާތަށް ލާބައާއި މަންފާ ލިބޭނެހެން އެކުގައި މަސައްކަތްކުރުމުގެ ތެރެއިން، މި ދޭދޭ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އުންމީދުކުރައްވާކަމަށް ޕެންގް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ ޒިޔާރަތްތައް ގިނަގިނައިން ބޭއްވެމުންދިއުމަކީ، މި ބައިވެރިވުމުގެ ބަދަހިކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއާއެކު ބާއްވަމުން އަންނަ ޒަމާންވީ އެކުވެރި ގުޅުމަށާއި، ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ބޮޑެތި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުމަކީ ފުރިހަމަ އިސްތިރާޖީ ޕާޓްނަރޝިޕެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



