Saturday, October 31
ހުޅުމާލެ ޓްރެފިކް ފުލުހުން "ސައިލެންޓް ޑްރިލް" އެއް ބާއްވައިފި

ހުޅުމާލެ ޓްރެފިކް ފުލުހުން ހާއްސަ "ސައިލެންޓް ޑްރިލް" އެއް ބާއްވައިފިއެވެ.

ފުލުހުން ބުނީ މިއީ ހުޅުމާލޭގެ މަގުތަކުގައި އެކްސިޑެންޓް ގިނަވެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މިގޮތުން އޮފީސްތައް ނިމިގެން ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް އަރާ ވަގުތާ ދިމާކޮށް، ހުޅުމާލެ ސަހަރާ ކައިރީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، ދުއްވާ މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން، ރައްކާތެރިކަމުގެ މުހިންމު މެސެޖުތައް ހިމެނޭ ބޯޑުތައް، މަގުން ދަތުރުކުރާ އުޅަނދުތަކަށް ރަނގަޅަށް ފެންނާނެހެން ހިފަހައްޓައިގެން ތިބެ ފުލުހުން ދައްކާލާފައި ވެއެވެ.

މި ޑްރިލްގެ ތެރެއިން މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ މަގުމަތީގެ ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމަށެވެ. އެގޮތުން ބާރުސްޕީޑުގައި އުޅަނދު ނުދުއްވުމަށާއި، މަގުމަތީގެ ނިޝާންތަކަށް ބޯލެނބުމަށާއި، ދުއްވާއިރު ފޯނު ބޭނުން ނުކުރުމުގެ އިތުރުން އުޅަނދު ދުއްވާ ކޮންމެ މީހަކު ވެސް އަނެކާގެ ސަލާމަތަށް ވިސްނައިގެން އުޅަނދު ދުއްވުމަށް މި ބޯޑުތަކުން އިލްތިމާސްކޮށްފައިވެއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 10 ވަނަ ދުވަހުއެވެ. ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތްތަކަކީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް ފުލުހުން ބުނެއެވެ.

މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާތީ، ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލެ ޓްރެފިކް ޕޮލިހުން އަންނަނީ މެދުކެނޑުމެއްނެތި ހޭލުންތެރިކުރުމުގެ އެކި ހަރަކާތްތައް ހިންގަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު