Saturday, October 31
މަޖުބޫރުކުރުވުމާ ދެކޮޅަށް ޗައިނާގެ ދިފާއީ ވަޒީރު އިންޒާރު ދެއްވައިފި

13 ވަނަ ބެއިޖިން ޝަންގްޝާން ފޯރަމް ހުޅުއްވައިދެއްވަމުން، ޗައިނާގެ ދިފާއީ ވަޒީރު ޑޮންގް ޖުން ވަނީ މަޖުބޫރުކުރުވުމާއި ތާރީޚީ ގޮތުން ފަހަތަށްދާ އޮއިވަރުތަކާ ދެކޮޅަށް އިންޒާރު ދެއްވައި، ގުޅިފައިވާ ސަލާމަތީ ނިޒާމަކަށާއި އަސްކަރީ އެއްބާރުލުމަށް ވަކާލާތު ކުރައްވާފައެވެ. އަދި ދުނިޔޭގެ ޤައުމުތަކުން އިސްވެ ގޯނާކުރުމާއި ހަމަނުޖެހުން އުފެއްދުން ހުއްޓުވަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮންގްގެ ތަޤުރީރުގައި ތާރީޚުގެ އިބުރަތްތަކުން ފިލާވަޅު ލިބިގަނެ، ބާރުވެރިކަން ދެއްކުމާއި، ހަނގުރާމަވެރިކަން އަދި ތާރީޚު އޮޅުވާލުމުގެ އަމަލުތަކަށް ސަމާލުވެ ތިބުމަށް ގޮވާލެއްވިއެވެ. މި ވާހަކަފުޅުތަކަކީ ޖަޕާނަށް ނުސީދާކޮށް އަމާޒުކުރެއްވި ފާޑުކިޔުމެއް ކަމަށް ބެލެވުނު ނަމަވެސް، އެއްވެސް ވާދަވެރި ޤައުމެއްގެ ނަން ސީދާ ފާހަގަކުރައްވާފައެއް ނުވެއެވެ.

ޓައިވާނާއި ދެކުނު ޗައިނާ ކަނޑުގެ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ހަފްތާއެއްހާ ދުވަސް ކުރިން މި ފޯރަމް ކުރިއަށްދާއިރު، ޗައިނާގެ ދިފާއީ ވަޒީރު ޑޮންގް ވަނީ މިޔަންމާ، ބްރޫނާއީ، ބެލަރޫސް، އަޒަރުބައިޖާން، ކިރްގިޒްސްތާން، އަރްމީނިއާ އަދި އާސިއާންގެ އިސްވެރިންނާ ބައްދަލުކުރައްވައި އަސްކަރީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

ސިންގަޕޫރުގެ ޝަންގްރި-ލާ ޑައިލޮގްގެ ބަދަލުގައި ބޭނުންކުރެވޭނެ ހަރުދަނާ ޕްލެޓްފޯމެއްގެ ގޮތުގައި ޗައިނާއިން ބޭނުންކުރާ މި ފޯރަމްގައި އެކި ޤައުމުތަކުން މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިވެއެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ގިނައިން ފޮނުވާފައިވަނީ ދަށް ފެންވަރުގެ މަންދޫބުން ކަމަށްވާއިރު، އެމެރިކާގެ ވަފުދުގެ އިސްވެރިއަކީ ޕެންޓަގަންގެ އޮފިޝަލް ސިންތިއާ ކަރާސް އެވެ.

ޗައިނާއިން ޓައިވާނަށް ދީފާނެ ހަމަލާއަކަށް ޖަޕާނުން އަސްކަރީ ރައްދެއް ދޭންޖެހިދާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވުމާ ގުޅިގެން ދެ ޤައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ. ޓައިވާނަކީ އަމިއްލަ ސަރަހައްދެއް ކަމަށް ޗައިނާއިން ދައުވާކުރި ނަމަވެސް، ޓައިވާނުން އެކަން ދޮގުކުރެއެވެ.

މީގެއިތުރުން، ފޯރަމްގައި ވާހަކަދައްކަވަމުން ޗައިނާގެ ތަޖުރިބާކާރު ވޫ ޝިކުން ވަނީ ދެކުނު ޗައިނާ ކަނޑުގައި ޖަޕާނުގެ ދައުރު ފުޅާވަމުންދާތީ އިންޒާރު ދެއްވާފައެވެ. އަދި ދިގު މުއްދަތުގައި އެ ސަރަހައްދުގެ ސުލްހައަށް އެމެރިކާއަށްވުރެ ބޮޑަށް ޖަޕާނުން ގެއްލުންދީ، ކޯޑް އޮފް ކޮންޑަކްޓްގެ މަޝްވަރާތަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު