މި ދުވަސްވަރު މައްކާގައި ތިބި އެންމެހާ ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި، އެ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫތީންނާ ދެމެދު ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެ ޤައުމުގެ ހުޅަނގުގެ ސިޓީތަކަށް ކުރިމަތިވެދާނެ ކުއްލި ނުރައްކަލަކަށް ސަމާލުވުމަށް ސިވިލް ޑިފެންސުން އިންޒާރު ނެރުމާ ގުޅިގެންނެވެ. "ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް" މެދުވެރިކޮށް ނެރުނު މި އިންޒާރު އަމާޒުކޮށްފައިވަނީ މައްކާ، ޖިއްދާ، ތާއިފް، ޔަންބޫ އަދި އަލްއުލާ ހިމެނޭ ސަރަހައްދުތަކަށެވެ. ސްކޫލު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ދަނީ މައްކާގައި އުމްރާގެ އަޅުކަން އަދާކުރަމުންނެވެ.
ސައުދީ ސިވިލް ޑިފެންސުން ވަނީ އާންމުން ހާސްނުވެ، ވީހާވެސް އަވަހަކަށް ރައްކާތެރި އިމާރާތްތަކަށް ވަނުމަށް އިރުޝާދު ދީފައެވެ. އަދި ހުޅުވިފައިވާ ސަރަހައްދުތަކާއި، ކުޑަދޮރުތަކާއި، ބެލްކަނީތަކުގެ އިތުރުން އިމާރާތްތަކުގެ ފުރާޅުމައްޗަށް ނޭރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، އިންޒާރުގެ މެސެޖު ލިބޭ ވަގުތު މަގުމަތީގައި ތިބޭ ފަރާތްތަކުން ބްރިޖުތަކާއި އުސް އިމާރާތްތަކާ ދުރުގައި އުޅަނދުތައް މަޑުކުރުމަށާއި، މައްކާ ފަދަ ސަރަހައްދުތަކުގައި ނުރައްކާތެރި ހާލަތެއް ދިމާވެއްޖެނަމަ ލަސްނުކޮށް 911 އަށް ގުޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



