Saturday, October 31
ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހުކޮށް، ސިޔާސީ މައިދާނުގައި ނަމޫނާ ދެއްކުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހުކޮށްދެއްވަމުން، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޤައުމީ ތަރައްގީގެ މަޝްރޫއުތައް ފުރިހަމަކުރުމުގައި ޕާޓީގެ ދައުރު އިތުރަށް ފުޅާކުރުމަށް ގޮވާލައްވާފައެވެ. ރައީސް އެދިވަޑައިގަތީ ޕާޓީގެ ހުރިހާ ގުނަވަންތަކާއި މެންބަރުން އެކީގައި، އެއް އާއިލާއެއްގެ ރޫހެއްގައި މަސައްކަތްކޮށް، ރާއްޖޭގެ ސިޔާސީ މައިދާނުގައި ލާމަސީލު ނަމޫނާއެއް ދެއްކުމަށެވެ. އެމަނުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އިސްކުރަންޖެހޭނީ ޤައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތެވެ.

މި އިފްތިތާހީ ހަރަކާތުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ޕާޓީގެ އެކި ގުނަވަންތަކުގެ އިސް ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. އެގޮތުން ސްޓިއަރިން ކޮމިޓީތަކާއި، ޒުވާނުންނާއި، ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ޕާޓީ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ބައިވެރިންގެ ހިޔާލާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްވެސް ރައީސް ފުރުސަތު ދެއްވިއެވެ.

މީގެއިތުރުން، ޕީއެންސީގެ އަސާސީ ގަވާއިދުގެ ދަށުން އިންތިޚާބުކުރާ އެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ޕާޓީން އާންމުކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަލާއިރު، ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރައްވައެވެ. އެ ބޭފުޅުންނަކީ:

  • އަސްމާ ރަޝީދު (މާފަންނު މެދު ދާއިރާގެ މެމްބަރު)
  • މުހައްމަދު ހުސައިން ޝަރީފް - މުންދު (ސަރުކާރުގެ އިސް ތަރުޖަމާނު)
  • އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު)
  • އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)
  • އިބްރާހިމް ޝުޖާއު (ބާރަށު ދާއިރާގެ މެމްބަރު)
  • ފާތިމަތު ސައުދާ (ނިލަންދޫ ދާއިރާގެ މެމްބަރު)
  • މުހައްމަދު ނިމާލް (އެލްޖީއޭގެ ސީއީއޯ)
  • މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

ކޮންގްރެސް މެންބަރުންގެ މަޖިލީހުގެ މަގާމުތަކަށްވެސް ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. އެގޮތުން އަންހެން މެންބަރުންގެ 10 މަގާމަށް 22 ކެންޑިޑޭޓުން، ޒުވާނުންގެ 7 މަގާމަށް 13 ކެންޑިޑޭޓުން، އަދި އާންމު މެންބަރުންގެ 18 މަގާމަށް 73 މެންބަރުން ވާދަކުރައްވައެވެ. ނަމަވެސް، ޕާޓީގެ އެކި ދާއިރާތަކުގެ 9 މަގާމަކަށް ކުރިމަތިލާފައިވަނީ އިންތިޚާބުކުރަންޖެހޭ އަދަދަށް އެކަންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު