Friday, October 9
ސްވިޑަންގެ އާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފި

ސްވިޑަންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހަރުކަށި ކަނާތުފިޔައިގެ ޕާޓީއަކަށް ސަރުކާރުން ޖާގަ ލިބިގެންދާނެ ނުވަތަ އަލުން ލިބަރަލް ފިކުރަށް އެނބުރިދާނެ މުހިންމު ޕާލިމެންޓްރީ އިންތިޚާބުގެ ވޯޓުލުން އާދީއްތަ ދުވަހު ފަށައިފިއެވެ. 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްވިޑަންގައި ވޯޓުލާ މަރުކަޒުތައް ހެނދުނު 8:00 (ޖީއެމްޓީން 0600) ގައި ހުޅުވާފައިވާއިރު، ޖީއެމްޓީން 1800 ގައި ވޯޓުލުން ބަންދުކުރުމާ އެކު އެގްޒިޓް ޕޯލްތަކުގެ ނަތީޖާތައް ދައްކަން ފަށާނެއެވެ.

އިންތިޚާބުގެ ކުރިން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުން މެދުމިނުގެ ވާތުފިޔައިގެ އިދިކޮޅު ފަރާތްތަކަށް ކުޑަ ކުރިއެރުމެއް އޮތް ކަމަށް ދެއްކި ނަމަވެސް، ކެމްޕޭނުގެ ފަހު ހަފުތާތަކުގައި ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން އިސްވެ ހުންނެވި ކަނާތުފިޔައިގެ ބްލޮކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަން ފަށާފައެވެ. އަދި ވާދަވެރި މަގްދަލޭނާ އެންޑަސަން އާއި ސޯޝަލް ޑިމޮކްރެޓްސް ޕާޓީއަށް އޮތް ތާއީދު ވަނީ ދަށްވާން ފަށާފައެވެ.

އޭނާގެ ބްލޮކް މޮޅުވެއްޖެނަމަ ހަރުކަށި ކަނާތުފިޔައިގެ "ސްވިޑަން ޑިމޮކްރެޓްސް" ހިމެނޭހެން ހަތަރު ޕާޓީގެ ސަރުކާރެއް އެކުލަވާލާނެ ކަމަށް ކްރިސްޓަރސަން ވަނީ ވިދާޅުވެފައެވެ. އަދި ޕާޓީތަކާއި ވޯޓުލާ މީހުން ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން އެ ބްލޮކްގައި އެބަހުރި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކަނާތުފިޔައިގެ ބްލޮކަށް ތާއީދުކުރާ ފަރާތްތަކުން އެ ބްލޮކްގެ ސިޔާސަތުތަކުގެ ސަބަބުން ގޭންގު ކުށްތައް ހުއްޓުވުމަށާއި ހިޖުރަކުރާ މީހުންގެ އަދަދު މަދުކުރުމަށް އެހީތެރިވެދޭ ކަމަށް ބުނަމުންދާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މީގެ ސަބަބުން މަދަނީ މިނިވަންކަމަށް ހުރަސްއެޅި، ހިޖުރަކޮށްފައިވާ މީހުންނަށް މަޖުބޫރުން ސަގާފަތަށް ފެތެން ނުވަތަ ޤައުމު ދޫކޮށްދާން މަޖުބޫރުކުރަމުންދާ ކަމަށެވެ.

އިދިކޮޅު ލީޑަރު އެންޑަސަން ރޮއިޓާސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އިޤްތިޞާދީ ކުރިއެރުން ދަށްވެ ޢާއިލާތަކުގެ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން މުޖުތަމަޢު ހަރުކަށިވެ ފަގީރުވަމުންދާ ކަމަށާއި، ޤައުމުގެ ބާރަކީ ދަތި އުނދަގޫ ވަގުތުތަކުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބުން ކަމަށެވެ.

ސްވިޑަން ޑިމޮކްރެޓްސްއަށް ލިބޭ ކާމިޔާބީއަކީ ޖަރުމަނުގައި "އަލްޓަނޭޓިވް ފޯ ޖާމަނީ" ހޯދި ކާމިޔާބީއަށްފަހު، މުޅި ޔޫރަޕްގައި ހަރުކަށި ކަނާތުފިޔައިގެ ބާރު ގަދަވަމުންދާ ދިއުމަށް ލިބޭނެ އިތުރު ބާރެކެވެ. ޖިމީ އޯކެސަންގެ ލީޑަޝިޕްގެ ދަށުން އެ ޕާޓީން ވަނީ ކްރިސްޓަރސަންގެ މައިނޯރިޓީ ސަރުކާރު ދަމަހައްޓަން އެހީތެރިވެދީފައެވެ.

މި އިންތިޚާބުގެ ނަތީޖާ ބިނާވާނެ އެއް ކަމަކީ، ޕާލިމެންޓުން ގޮނޑި ކާމިޔާބުކުރުމަށް ބޭނުންވާ 4 އިންސައްތައިގެ ޝަރުޠު ލިބަރަލްސް ޕާޓީން ހަމަކުރާނެތޯ ބެލުމެވެ. އަނެއްކޮޅުން، ހިޖުރަކުރުމާއި، ބިލިއަނަރުންގެ ޓެކްސް އަދި ނިއުކްލިއަރ ރިއެކްޓަރުތައް ބިނާކުރުން ފަދަ މައްސަލަތަކުގައި އިދިކޮޅު ފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުރުމާއި، ލެފްޓް ޕާޓީ ހިމެނޭ ސަރުކާރަކަށް ސެންޓަރ ޕާޓީން ދެކޮޅު ހަދާތީ، އެންޑަސަންއަށް ސަރުކާރެއް އެކުލަވާލުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު