ރާއްޖޭގައި ނެތެމުންދާ އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަ އިޔާދަކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫޢުގެ ކަންކަން، އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް، މި މަޝްރޫޢު ފެށުމަށްޓަކައި ސަރުކާރުން ދިން ދަޢުވަތު އިދިކޮޅު ސިޔާސީ ޕާޓީތަކުން ޤަބޫލުނުކުރުމުން ރައީސް ވަނީ ހިތާމަފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށާއި، މި މަޝްރޫޢު ކާމިޔާބުކުރުމަށް އެންމެހައި ރައްޔިތުންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ.
މީގެއިތުރުން، ރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި ނަސޭޙަތާއި ޛިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.






