މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް، މީގެ ކުރިން ދެމުން އައި ފުލް ކަވަރޭޖް އާސަންދަ ދިނުން ހުއްޓާލުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދައުލަތުން ދޭ ހިދުމަތްތައް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބަދަލު ކުރުމަކީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭނެ މުހިންމު ކަމެއް ކަމަށެވެ. މިހާރު އޮންނަ ނިޒާމުގެ ތެރެއިން އެންމެ މުއްސަނދި މީހާއާއި އެންމެ ނިކަމެތި މީހާއަށްވެސް އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖް އާސަންދަ ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި 60،000ރ. އަށް ވުރެ މައްޗަށް މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މި އޮންނަ ގޮތަށް، ފުލް ކަވަރޭޖު އާސަންދަ ނުލިބޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މިފަދަ ފަރާތްތަކަށް އާސަންދަ ލިބޭނީ ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ ނިޒާމެއްގެ ތެރެއިންނެވެ. މި ބަދަލުގެ ސަބަބުން އަހަރެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ޚަރަދު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ މަހުން ފެށިގެން މި ބަދަލު ގެނެވޭނެ ކަމަށާއި، މީގެ ސަބަބުން މިއަހަރުގެ ބާކީ އޮތް ބައިގައިވެސް ޚަރަދުތަކެއް ސަލާމަތް ކުރެވޭނެ ކަމަށާއި، ނަމަވެސް ބަޖެޓަށް މީގެ އެންމެ ބޮޑު ލުޔެއް ލިބޭނީ އަންނަ އަހަރު ކަމަށެވެ.
އާސަންދަ ނިޒާމަށް ގެނެވޭ މި ބަދަލުތަކުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ކަމާބެހޭ އިދާރާތަކުން ހާމަކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



