Saturday, October 31
އޭޑީކޭ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ތަޢާރަފްކޮށްފި

ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރޮބޮޓް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަން ނުވަތަ ރޮބޮޓިކް ސާޖަރީގެ ޚިދުމަތް އޭޑީކޭ ހޮސްޕިޓަލުން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތުގެ ދަށުން އޭޑީކޭއިން ވަނީ ރޮބޮޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަކުލު ހުޅު ބަދަލުކުރުމުގެ (ޓޯޓަލް ނީ ރިޕްލޭސްމަންޓް) ދެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭ ގްރޫޕްގެ ފައުންޑަރ އަދި ޗެއާމަން އަޙުމަދު ނާޝިދު ވިދާޅުވީ، ރޮބޮޓިކް ސާޖަރީ ރާއްޖެއަށް ތަޢާރަފްކުރުމަކީ އޭޑީކޭގެ އަމާޒު ނިމޭ ހިސާބު ނޫން ކަމަށާއި، މިއީ އެ ހޮސްޕިޓަލުން މެޑިކަލް ޓޫރިޒަމަށް ފަށާ ދަތުރުގެ މުހިންމު ފެށުމެއް ކަމަށެވެ. އަދި ދިވެހިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަށްޓަކައި ޒަމާނީ ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު ފަހިކޮށްދިނުމަށް، އިމާރާތްތަކާއި ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ އޭޑީކޭގެ ޒިންމާއެއްގެ ގޮތުގައި ދެކޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ޙަޤީޤަތުގައި މެޑިކަލް ޓޫރިޒަމްގެ އަމާޒަށް އަޅުގަނޑުމެން އެޅި ކުޑަ ފިޔަވަޅެއް. މިއީ މެޑިކަލް ޓޫރިޒަމްގެ ފުރަތަމަ ފިޔަވަޅު. އަޅުގަނޑު ދެކޭގޮތުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ޚިދުމަތާއެކު މެޑިކަލް ޓޫރިޒަމަށް ވަރަށް ރަނގަޅު ޕެކޭޖްތަކެއް އަޅުގަނޑުމެންނަށް ތައްޔާރުކުރެވިދާނެ،" ނާޝިދު ވިދާޅުވިއެވެ.

މީގެއިތުރުން، އޭޑީކޭގެ ކުރިއަށް އޮތް އެންމެ ބޮޑު އަމާޒަކީ ކެންސަރު ބަލީގެ އޮންކޮލޮޖީ ފަރުވާ ކުރިއެރުވުން ކަމަށް ނާޝިދު ހާމަކުރެއްވިއެވެ. އެންސްޕާގެ ބަޖެޓުގެ 20 އިންސައްތަ ޚަރަދުވަނީ ކެންސަރުގެ ފަރުވާއަށް މީހުން ބޭރަށް ފޮނުވުމަށް ކަމަށްވުމާއެކު، އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފަރުވާ ފެށުމަށްޓަކައި ހެލްތު މިނިސްޓްރީއަށާއި އިކޮނޮމިކް ކައުންސިލަށް މިހާރު ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު